މޯލްޑިވިއަން ބޮޑު ވެއްޓުމަކަށް ދިޔައީ ސިޔާސީ ވުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ ގައުމެއްގެ ނިސްބަތުން މަސައްކަތް ކުރާއިރު ސިޔާސީ ކަންތައްތައް ވައްދަން ނުޖެހޭނެ އިދާރާތައް ހުންނާނެ ކަމަށާއި އެގޮތުން އެއާލައިންތަކުގެ ތެރެއަށް ވެސް ސިޔާސީ ކަންކަން ވައްދައިގެން ނުވާނެ ކަމަށެވެ.
"އޭގެ ނަތީޖާ އަސްލު ހަގީގަތުގައި މޯލްޑިވިއަން އަށް މިއަދު އެހާ ބޮޑު ވެއްޓުމެއްގެ ތެރެއަށް ދާން ޖެހުނު މައިގަނޑު ސަބަބަކީ. ސިޔާސީ ކަންކަން އޭގެ ތެރެއަށް ވަނުން އިނގޭތޯ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ 2018 ވަނަ އަހަރު ނިމުމާ ހަމައަށް އެ ކުންފުންޏަށް ސިޔާސީ މީހުން ވައްދާފައި ނުހުންނާނެ ކަމަށާއި ކުންފުނި އޭރު ހިންގީ ޕްރޮފެޝަނަލް މީހުން ކަމަށެވެ.
"ކުންފުނީގައި އަބަދުވެސް 5 އަހަރުން އެމްޑީއެއް ބަދަލުވިކަމުގައި ވިޔަސް ނޫނިއްޔާ އެހެން މަގާމެއް ބަދަލުވިޔަސް ޕްރޮފެޝަނަލް އެއާލައިން ތަޖުރިބާ ހުރި ތައުލީމު ހުރި މީހުން ލައިގެން ހުރީ. އެހެންވީމަ ވާގޮތަކީ އެ ކުންފުންޏާއިގެން ކުރިއަށް ދިޔުމުގެ ޖާގަ އަބަދުވެސް ކުންފުނީގައި އޮތް،" އަމީން ވިދާޅުވި އެވެ.
ކުރީ ސަރުކާރުން މޯލްޑިވިއަން ހިންގަން ގެނައީ ސިޔާސީ މީހުން ކަމަށާއި، ގާބިލު ނޫން ބަޔަކާއި ކުންފުނި ހިންގަން ހަވާލުކުރުމުގެ ނަތީޖާއަކަށްވީ 2023 ނިމުނުއިރު މޯލްޑިވިއަންގެ ދަރަނި ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އެރުން ކަމަށް އަމީން ވިދާޅުވި އެވެ.
"ކުރު ގޮތަކަށް ދަންނަވާނަމަ އެއާލައިން އެހާ ކުރު މުއްދަތެއްގައި ބިލިއަނުން ދަރައިގެން ދިޔައީ ސިޔާސީ ގޮތުން ނުލާންޖެހޭ މީހުން ކުންފުނި ހިންގުމަށް ހަވާލުކުރެވުނީމަ. އެއީ އޭގެ ހަގީގަތަކީ،" އަމީން ވިދާޅުވި އެވެ.