Last Updated: January 20, 22:59
Monday, January 20, 2025
ކުޅިވަރު

އިޓާލިއަން ސުޕަ ކަޕް މިލާނުން ކާމިޔާބުކޮށްފި

އިންޓަ މިލާން 2-3 އިން ބަލިކޮށް އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން އޭސީ މިލާނުން ހޯދައިފި އެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު އިޓާލިއަން ސުޕަ ކަޕް މިލާނުން ހޯދި ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރީ އިންޓަ އިންނެވެ.

ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލައުޓާރޯ މާޓިނޭޒް ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މެހްދީ ތަރޭމީ ވަނީ އިންޓަގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މިލާނުން މި މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ތިއޯ ހެނާންޑޭޒް އެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި މިލާނަށް ނަތީޖާ އެއްވަރުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މި ގޯލަށް ފަހު ވެސް މިލާނުން ދިޔައީ އިންޓަގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރަފޭލް ލިއާއޯ ދިން ޕާހަކުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޓެމީ އަބްރަހަމް ވަނީ މިލާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ، މުބާރާތުގެ ޗެމްޕިއަންކަން އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.