ކެނެޑާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޖަސްޓިން ޓްރޫޑޯ، ސަރުކާރު ހިންގާ ޕާޓީ، ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އާ ލީޑަރަކު އައްޔަން ކުރަން އެދިވަޑައިގެންނެވި އެެވެ.
މިކަން އިއްޔެ އިއުލާން ކުރައްވަން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ބައްދަ؛ުވުމުގައި އޭނަ ވިދާޅުވީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންވާ ޕާޓީ އަށް ދެން ބޭނުން ވަނީ އާ ލީޑަރެއް ކަމަށާއި އެ މަރުހަލާ ކުރިއަށް ގެންދަން އެދިވަޑައިގެންފައިވާ ކަމަށެވެ.
ދެހާސް ފަނަރައިގައި ކެނެޑާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޓްރޫޑޯ، 53، ވިދާޅުވި ގޮތުގައި ލިބަރެލް ޕާޓީ އަށް އާ ލީޑަރަކު އައްޔަން ކުރެވެންދެން ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އޭނަ ލިބަރެލް ޕާޓީގެ ލީޑަރުކަން ދޫކޮށްލެއްވި އިރު، އެ މަގާމުގައި ހުންނަވާތާ 11 އަހަރުވެއްޖެ އެވެ.
ރައްޔިތުންގެ މެދުގައި މަގޫބުލުކަން މި ފަހުން ވަރަށް ބޮޑަށް ކުޑަވުމާއި ޕާޓީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ޕާޓީގެ ލީޑަރުކަމުން ޓްރޫޑޯ އިސްތިއުފާ ދެއްވި އިރު، މި އަހަރުގެ އޮކްޓޯބަރުގައި ކެނެޑާގެ އާންމު އިންތިހާބު އޮންނާނެ އެވެ.
ނަމަވެސް ޓްރޫޑޯ ވިދާޅުވީ ހާލަތު މިހާރު އޮތް ގޮތުން އޭނަ އަކީ ދެން އެންމެ ރަނގަޅު ހޮވުމަށް ވެސް ނުވެދާނެ ކަމަށެވެ.
ލިބަރެލް ޕާޓީގެ ލީޑަރުކަމުން އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ރައީސް ސަޗިތު މެހެރާ ވިދާޅުވީ ޕާޓީގެ ބޯޑާ އެކީ މި ހަފުތާގައި ބައްދަލުވުންތަކެއް ބާއްވައި އާ ލީޑަރަކު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.