Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ނިމުން ފާހަގަކޮށްފި

ގދ. ހޯނޑެއްދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާޙުކޮށް ދެއްވައިފި އެވެ.

އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފެށީ ޖޫން 13، 2022 ގަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ.

މި މަޝްރޫއުއަށް 4.9 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

މަޝްރޫޢުގެ ދަށުން ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ގުޅާފައިވެ އެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ދެ ޓޭންކު ބަހައްޓާފައިވެ އެވެ.

އާބާދީގައި 800 އެއްހާ މީހުން ދިރިއުޅެމުން އަންނަ ހޯނޑެއްދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީމެއް ބެހެއްޓުމަށް އެ ބޭންކާއި ހޯނޑެއްދޫ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ.