Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

ކާރު އެކްސިޑެންޓްވީ ޑްރައިވަރަކަށް ދިމާވި ހާލަތަކުން

މިއަދު ހެނދުނު ވެލާނާ އެއާޕޯޓް (ވީއައިއޭ) ގައި ޕިކަޕަކަށް ކާރެއް މުޑިއަރަން މެދުވެރިވީ ކާރުގެ ޑްރައިވަރަށް ދިމާވި ކުއްލި ސިއްހީ ހާލަތެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ސޯޝަލް މޯޑިއާ ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގި ގޮތް ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރެލިމިނަރީ އެސެސްމެންޓުތަކުން ލަފާ ކުރެވޭ. ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުންދާ ވާހަކަ މި ފުރުސަތުގައި ދަންނަވަން." އެމްއޭސީއެލުން ބުންޏެވެ.

އެ ހާދިސާގައި ކާރު ދުއްވަން އިން މީހާ އަށް އަނިޔާވެގެން އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓްގައި ކާރު ކުރިމަތީގެ ބޮޑު ބައެއް އޮތީ ޕިކަޕްގެ ފަހަތުން ދަށަށް ވަދެފަ އެވެ.

މި ހާދިސާގައި ޕިކަޕް ދުއްވަން އިން މީހާ އަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.