Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ނަޑެއްލާގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން މިއަހަރު ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ގދ. ނަޑެއްލާގެ ތަރައްގީ އަށް ބޭނުންވާ ގިނަ ކަންކަން މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޑެއްލާގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަޑެއްލާ އަށް އެންމެ މުހިއްމީ ބަނދަރުގެ މައްސަލަ އަށް ހައްލެއް އައުން ކަމަށާއި އެއީ މިހާރު ރަށުގެ ތަރައްގީ އަށް ބަލާއިރު ބޭނުން ކުރެވޭ ވަރުގެ ބަނދަރެއް ނޫން ކަމަށެވެ.

އެގޮތުން މި މަހުގެ ތެރޭގައި އާ ބަނދަރު ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ގެނެވޭނެ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި ނަޑެއްލާގައި ޒަމާނީ ފެންވަރުގެ މިސްކިތަކާއި އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރު ކުރުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް މިއަހަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ނަޑެއްލާގައި ފުލުހުން ގާއިމްވެ ތިބެގެން ހިދުމަތް ދިނުމުގެ ކަންކަން ވެސް ހަމަޖައްސައިދެއްވާނެ ކަމަށާއި އަދި މިއަހަރު ތެރޭގައި ނަޑެއްލާގައި ވެސް އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ވައުދުތަކެއްވީ އެކަންކަން ކޮށްދިނުމައްޓަކާ. ވައުދުތައް ހާސިލުކޮށްދިނުމަށްޓަކާ، އަމަލީ ގޮތުން ނަތީޖާ ނެރެދިނުމަށް،" ރައީސް ވިދާޅުވި އެވެ.