މިއަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ވާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް ފެށުނުހާ އަވަހަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއްގެ ގޮތުގައި ކަނޑައެޅުމާއި، އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"މި އިސްލާހުތައް ގެނެސް، މި އަންނަ ރޯދަ މަހުން ފެށިގެން ކޮންމެ ރޯދަ މަހެއްގައި ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
އަންހެނުންނަކީ ކޮންމެ ރަށެއްގައި ވެސް ރަށުގެ ތަރައްގީ އަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި މުޅި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ އެހެން ސަރުކާރުތަކާއި އަޅާ ބަލާއިރު މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނަ ވާނީ އަންހެނުން ކަމަށް ވިދާޅުވެފަ އެވެ. އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.