ސަރުކާރުން ނިންމުންތައް ނިންމަނީ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ވާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި މުޖުތަމައު އަކީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީކުރާ މުޖުތައުމަކަށް ބަދަލުކުރަން އެންމެން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި ލޯ ކުރިމަތިން ގޯސް ކަމެއް ފެނުމުން އެފަދަ ކަންކަމަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
އަދި ޒަމާންތަކެއް ވަންދެން ވަކި ގޮތަކަށް ކަމެއް ގޯސްކޮށް ހިނގުމަކީ، ދެން އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭ ކަމެއް ނޫންކަން ގަބޫލުކޮށް އަމަލުން ވެސް ދައްކަންޖެހޭ ކަމަށާއި ސަރުކާރު އޮތީ އެގޮތުގައި ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވި އެވެ. މި ވިސްނުމުގައި އުނދަގޫ ނިންމުންތައް ނިންމަނީ ކުރިއަށް އޮތް ޖީލުތައް ސަލާމަތްކޮށްދީ، ހަގީގީ މާނައިގައި ތަރައްގީވެފައި އޮތް ރާއްޖެއަކަށް ހަދައިދިނުމަށްޓަކާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެފަދަ ނިންމުންތައް ނިންމަނީ އަށަގަނެ މޫލާފައި ހުރި އާދަތަކުންނާއި، އެކިއެކި ވަބާތަކުން ގައުމު ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ކަމަށް ރައީސް ވިދާޅުވި އެވެެ.
"އެއްގޮތަކަށް ވެސް އެއީކީއެއް ރައްޔިތުންނަށް ދަތި ކުރުމަށް، އުނދަގޫ ކުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތް ވަރަށް ސާފު މިކަމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހުރިހާ ފަރާތްތަކެއް ގުޅިގެން މި ވިސްނުމުގައި ތަރައްގީ ހާސިލުކުރަން ކުރިއަށްދާން އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި ރާއްޖެ އަށް ހަގީގީ ތަރައްގީ ގެނެވޭނީ އޭރުން ކަމަށްވެސް ވިދާޅުވެފަ އެވެ.