ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައްޔިތުންނަށްވީ ފުއްދޭނެކަން ޔަގީން ވައުދުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނުގެ ތެރޭގައި ވެސް އަދި މެނިފެސްޓޯގައި ވެސް ފުއްދުމުގެ ނިޔަތުގައި ނޫނީ ވައުދެއް ނުވާ ކަމަށާއި، ވައުދުތައް ވީ ފުއްދޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ.
"އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑު ވާ ކޮންމެ ވައުދެއް ޖެހޭނެ ފުއްދަން. އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އަޅުގަނޑު ކުރަންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރުތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީގެ ހަގީގީ އިހުސާސް އަމަލީ ގޮތުން ވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މިދިޔަ އަހަރު ނިންމާލީ ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތް ހާލަތަކުން އަރައިގެން ކަމަށާއި އެގޮތުން އިގްތިސާދު ނަގާ ކޮޅަށް ޖަހައި ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން ތައްޔާރުވީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ވެގެންދާނީ ތަރައްގީގެ މަސައްކަތްތަކުގެ އަމަލީ އަހަރަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ހުވަދު އަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފެށިގެން ކުރިއަށް ގެންދާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.