ގަދ. ރަތަފަންދޫގެ ތަރައްގީ އަށް ބޭނުންވާ ހުރިހާ ކަމެއް ކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އިއްޔެ ހުވަދު އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން މިއަދު ރަތަފަންދޫ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ސްކޫލަށް ދިމާވެފައިވާ ހޯލުގެ ދަތިކަމާއި ރަށުފެ ބަނދަރުގެ ދަތިކަމާއި ސިއްހީ މަރުކަޒާއި އައިސްފްލާންޓާއި އެ ނޫން ވެސް އެތައް ކަމެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ އެ ހުރިހާ ކަމެއް ވެސް ކޮށް ދެއްވަން މަސައްކަތް ކުރާނެ ކަމަށާއި މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ސިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާ ހިމެނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ. "މި ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ މަރުކަޒު، އިމާރާތާއި ވަސީލްތަތަކުގެ ގޮތުން، މުވައްޒަފުންގެ ގޮތުން، ހުރިހާ ގޮތަކުން ވެސް މި ރަށަށް ބޭނުންވާ ފެންވަރުގެ ސިއްޙީ މަރުކަޒަކަށް އެ މަރުކަޒު އަޅުގަނޑުމެން ހަދައި ދޭނަން."
ރައީސް ވިދާޅުވީ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ޚިދުމަތް ދިނުން ކަމަށެވެ.
އެހެންވެ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދަވާނެ ވައިދުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ޖަނަވަރީ މަސް ނިމުމުގެ ކުރީގައި، އަޅުގަނޑު އެގޮތަށް ވެފައިހު ރި ހުރިހާ ވަޢުދެއް، ރަށްރަށުގައި ހައުސިން ޔުނިޓްތައް ވެސް އެޅުމަށްޓަކައި އަޅުގަނޑު ކެމްޕެއިންގައި އިޢުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫޢުތަކެއް ޓެންޑަރަށް ލައި، އަޅުގަނޑުމެން ބިޑަށް ހުޅުވައިލާނަން އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވި އެވެ.