ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ނުލިބެނީސް އެ ކައުންސިލްގެ މެމްބަރުން މުސާރަ ނެގިކަމަށް ބުނެ އެންޓި-ރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ތިނަދު އަށް ސިޓީއެއްގެ ދަތަޖަ ދިނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ދާދި ފަހުން ހައި ކޯޓަށް ވެސް ހުށަހެޅުއްވި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލް އަހުމަދު ރާގިބެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން ވެސް ކައުންސިލަރުން ސިޓީއެއްގެ ކައުންސިލަރުންގެ މުސާރަ ނެންގެވި ކަމަށް ބުނެ ރާގިބް އެންމެ ފުރަތަމަ ރާގިބް ހުށަހެޅުއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް (އެލްޖީއޭ) އަށެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ތިނަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން ސިޓީ ކައުންސިލެއް އުފެދުމުގެ ކުރިން މޭޔަރެއްގެ މުސާރަ އާއި ސިޓީ ކައުންސިލެއްގެ މެންބަރުންގެ މުސާރަ ނަގާފައިވާ ކަމަށެވެ. އަދި އެއީ ގާނޫނުތަކާ ޚިލާފަށް ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި މާލީ މަންފާއެއް ހޯދުމުގެ އަމަލެއްކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އެލްޖީއޭ އިން ދިން ޖަވާބުގައި ބުނީ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަކީ ފުލުހުންނާއި އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންވެ ސިޓީގައި ޖިނާއީ މައްސަލަތައް ކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށާއި، ޚިޔާނާތާ ގުޅުންހުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
އަދި އޭސީސީ އާއި ފުލުހުން މައްސަލަ ބެލުމަށްފަހު، އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ފާހަގަކޮށްފި ނަމަ އެކަމަކަށް އިދާރީ ތަހުގީގު ކޮށް އެލްޖީއޭ އިން މައްސަލަ ބަލާނެ ކަމަށް ބުންޏެވެ.
އެހެންވެ އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެކަން ބަލައި ގަނެ، އެކަން އަންގާފައިވެ އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ ގާނޫނުގައި ބަޔާންކޮށްފައިވާ 10،000 މީހުންގެ އާބާދީ ހަމަނުވަނީސް އޮޅުވާލައިގެން ކަމަށް ބުނެ ރާގިބް ހައި ކޯޓަށް ދުސްތޫރީ މައްސަލައިގައި ބުނެފައިވެ އެވެ.