Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ކަނޑުހުޅުދޫ ބިން ހިއްކައި ރޯ ހައުސް މަޝްރޫއެއް

އަންނަ އަހަރު ގއ. ކަނޑުހުޅުދޫ ބިން ހިއްކައި އެ ރަަށުގައި ރޯ ހައުސް މަޝްރޫއެއް ހިންގާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި އިތުރަށް ހައުސިން ޔުނިޓް އެޅޭނީ ބިން އިތުރުކޮށްގެން ކަމަށާއި ނަމަވެސް މިއަހަރުތެރޭ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"އެހެން ނަމަވެސް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ހިންގައިދޭނަން. އަދި ބިން ހިއްކައި ނިމުނީމަ، މި އަންނަ އަހަރު ނުވާނަމަ ދެން ޖެހިގެން އޮންނަ އަހަރު އެންމެ ލަސްވެގެން ރޯ ހައުސްގެ ހައުސިން މަޝްރޫއެއް ހިންގައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑުހުޅުދޫ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ކަމަށާއި އެ މަސައްކަތް ބަޖެޓުގެ ތެރެއިން މި އަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ކަނޑުހުޅުދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކުރުމާއެކު، އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ ފުޓުބޯޅު ސްޓޭޑިއަމް ރަނގަޅު ފެންވަރަށް ތަރައްގީކޮށް ޒުވާނުންނަށް އެތުލެޓިކްސް ތަމްރީނުތައް އެތަނުގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ފުޓްސަލް ދަނޑުގައި ފެންސް ޖެހުމާއި ރޮސްޓްރަމް ޖާގަ އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.