މިއީ މަސްވެރިކަމުގެ ސިނާއަތުގެ ވައުދުތަކުގައި ކުލަޖެހޭނެ އަހަރު ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައމްަދު ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވި އިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެެރި ކޮމިއުނިޓީ ތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން ކަމަށެވެ.
އަދި ރައްޔިތުން ރައީސަށް އަރުވާ ޚިޔާލުފުޅުތައް އެމަނިކުފާނު ވެސް ވަރަށް ބޮޑަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ 2025 ވަނަ އަހަރަކީ މަސްވެރި ސިނާޢަތުގެ ތަރައްޤީގެ ރައީސްގެ އެންމެ މުހިއްމު ވަޢުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު،" ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.