Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ދަނޑުވެރިކަން ފުޅާކުރަން ބޮޑު ސަމާލުކަމެއް ދޭނެ

ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެއް ކަމަށްރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކާ ކަންކަން ހަމަޖައްސައިދިނުމަކީ ނިލަންދޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށާއި ދަނޑުވެރިކަމުގެ ވިޔަފާރިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ތެރެއިން ނުވަތަ އެ ނިޒާމުގެ ތެރެއިން ދަނޑުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ.

"ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިގްތިސާދު ޑައިވައިސިފައި ކުރުމަށް ބަލާއިރުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭ ދާއިރާއެއް. އެކަން މިހާރަށް ވުރެ މާ ބޮޑުތަނުން ރަނގަޅުކުރުން، އަޅުގަނޑުމެންގެ ވިސްނުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ބާވަތްތައް އުފެއްދުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށާއި އޭގެ އިންވެސްޓްމެންޓުތަކަށް ފުރުސަތުދީ، އެފަދަ އިންވެސްޓްމެންޓްތައް ރާއްޖޭގައި ގާއިމުކުރުމަށް ވަރަށް ބާރަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އެހެންވީމަ ދަނޑުވެރިންނަށް އޮތީ އުފާ ފާގަތިކަން ރާއްޖޭގައި. ދަނޑުވެރިކަމުގެ ސިނާއަތް މިއަދާއި ހަމައަށް އޮތް ހިސާބަށް ވުރެ އެތައް ގުނައަކުން ރަނގަޅުކޮށް، ދަނޑުވެރިކަން އެއީ ރާއްޖޭގައި ހަމަ ވަރަށް ރަނގަޅަށް ހިންގޭ، ފުޅާކުރެވޭ ސިނާއަތަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ހާއްސަކޮށް މަސައްކަތް ކުރަން ސަރުކާރުގެ ވުޒާރާއެއް ވެސް ހާއްސަކުރީ އެ ސަބަބަށްޓަކާ ކަމަށާއި، އެ ވުޒާރާއިން އެ މަސައްކަތްތަކުގައި ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.