ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ މެމްބަރުން އެހެން ޕާޓީތަކަށް "ވަގަށް" ގެންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ޕީއެންއެފްގައި އިސްކޮޅު އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕީއެންއެފްގެ ގައުމީ ޖަލްސާ ބޭއްވުމާއި ހަމައަށް އައިއިރު ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށާއި އެއީ ޕީއެންއެފްގެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ގިނަ އަދަދަކަށް މީހުން ވައްދާފައިވާ މައްސަލަ ކަމަށެވެ.
މީގެ ސަބަބުން ޕީއެންއެފްގެ އާންމު މެމްބަރުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށްފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި އޮޅުވާލައިގެން އެންމެ ގިނަ އަދަދަކަށް މެމްބަރުން ވައްދަމުން އަންނަނީ ސަރުކާރު ހިންގާ ޕީއެންސީ އަށް ކަމަށާއި އެކަން ހައްލުކޮށްދިނުމުގެ ނިޔަތެއް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ނެތްއިރު، އިލެކްޝަންސް ކޮމިޝަނުގައި މެމްބަރުން ހަމަނުވާތީ އެ ކޮމިޝަނަށް ވެސް އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް މަލީހު ވިދާޅުވި އެވެ.
"މި ހާލަތުގައި ރާއްޖޭގެ ޑިމޮކްރެސީ މިވަގުތު މިއޮތީ. މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް،" މަލީހު ވިދާޅުވި އެވެ.
މަލީހު ވަނީ އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވައްދާ މައްސަލަ ބަލައިދިނުމަށާއި އަދި ޕީއެންސީން މިވަގުތު ހުށަހަޅާފައި ހުރި ފޯމުތައް ޕްރޮސެސް ކުރުން ހުއްޓުމަކަށް ގެންނަން އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މިކަމުގެ ކަންބޮޑުވުން ޕީއެންއެފް އިން އީސީއާ ހިއްސާކޮށްފައިވާއިރު، އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ވެސް ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.