އޭވިއޭޝަން ނުވަތަ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތެރޭގައި ދިމާވާ ހާދިސާތައް ބަލަން ހާއްސަ އިދާރާއެއް އުފައްދަން ނިންމައިފި އެެވެ.
ޕީއެސްއެމްގައި މިކަން ހިއްސާކުރައްވައު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ އިދާރާ އުފެއްދުމާ ގުޅޭ ހުށަހެޅުން މި މަހުގެ ފަހުކޮޅު ކެބިނަޓަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ޖޫންގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ރާއްޖޭގެ ސޭފްޓީ އޮޑިޓެއް ކުރަން ވެސް ނިންމާފައިވާކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އައިކާއޯގެ މިންގަނޑަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރުން އައިކާއޯގެ މިންގަނޑަށް، ވައިގެ ހާދިސާތައް ތަހުޤީޤުކުރާ އިދާރާއެއް އުފެއްދުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ މުހިންމުކޮށް ކުރަން ޖެހޭ ކަމަކީ، އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް، އެއީ މިހާރު ސިވިލް އޭވިއޭޝަނުން ބޭރުކޮށްފައި އިތުރު ބޮޑީއެއް އުފެއްދުން. އެއީ އެހެން ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތް،" އަމީން ވިދާޅުވި އެވެ. "އައިކާއޯ މެންޑޭޓް ކުރޭ. އިރާދަކުރެއްވިއްޔާ މި ޖެނުއަރީ ނިމޭ ހިސާބަށް، ކެބިނެޓަށް ހުށަހަޅައިގެން އެކަން ކުރެވޭތޯ މި ބަލަނީ. މިކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން."
މިނިސްޓަރު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.