ރާއްޖޭގެ ދިފާއީ ދާއިރާ އަށް އިންޑިއާ އިން ބޮޑު އެހީއެއް ފޯރުކޮށްދީފި އެވެ.
މި އެހީ ފޯރުކޮށްދީފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ދިފާއީ ވަަޒީރު، ޝްރީ ރަޖްނަތު ސިންހާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމަށް ފަހު އިންޑިއާގެ ޑިފެންސް ވިންގުން ނެރުނު ބަޔާނުގައި ބުނީ މި އެހީ ފޯރުކޮށްދިނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެހީގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ "ވިއޮން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދިފާއީ ދާއިރާ އަށް އިންޑިއާ އިން ފޯރުކޮށްދީފައިވަނީ ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެކެވެ. މި އެހީގެ ތެރޭގައި ދިފާއީ ދާއިރާ އަށް ބޭނުންވާ ވެހިކަލްތަކާއި ތަފާތު އެކި ސާމާނުތައް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގެ ދިފާއީ ވަޒީރާއާއެކު ޣައްސާން ބޭއްވި ބައްދަލުވުމުގައި ވަނީ ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މިއީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދިޔަ ހަފްތާގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ އަބްދުﷲ ހަލީލު ވެސް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފަ އެވެ.