ގައުމުގެ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. މާމެންދޫ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރު ގައުމުގައި އޮތީ ހަމަޖެހުން ގާއިމުވެފައި ކަމަށާއި ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މީހުންނަށް އަނިޔާކުރުމާއި، ހައްޔަރުކޮށް ޖަލަށްލުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި މި ގައުމުގައި އޮންނާނީ ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ގައުމުގައި ހަމަޖެހުން އޮވެގެން ކަމަށާއި ހަމަޖެހުމާއެކު ގައުމު ކުރިއަށް ގެންދިޔުމުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ގައުމަށް ގެންނަން ބޭނުން ވަނީ ވަށާޖެހޭ ތަރައްގީއެއް ކަމަށާއި އެ ތަރައްގީ ގެންނަން ބޭނުން ވަނީ ހަމަޖެހުން ގައުމުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މި ގައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެހެން ވެސް ބަޔަކަށް ހަމަޖެހުން ނަގާލަން ޖާގަ ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ، އަޅުގަނޑު އެކަން ގައުމީ ވިސްނުމެއްގައި ހުއްޓުވައި، ގައުމުގެ ހަމަޖެހުން ޔަގީން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް ހަގީގީ މާނައިގައި ކުރިއެރުމާއި، ދަރިންނަށް ކޮންމެ ދުވަހަކު ވެސް އުފާފާގަތި ދުވަސްތަކެއް އިހުސާސްވެގެންދާން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.