ރާއްޖެއަށް ހެޔޮއެދޭ ހުރިހާ ގައުމަކާއެކު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. މާމެންދޫ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ހެޔޮއެދޭ އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދީ، ރާއްޖެ އަކީ ފަހުރުވެރި މިނިވަން ގައުމެއްކަން ގަބޫލުކުރާނަމަ، ކޮންމެ ބަޔަކާއެކު ވެސް ފައިދާވާ ކަންކަމުގައި ކުރިއަށް ދިޔުމަކީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް ކަމަށެވެ.
"އެހެންވީމަ އެގޮތުގައި އިރާދަކުރެވިއްޔާ ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކަކީ މިއަދަށް ވުރެ ވެސް އުފާފާގަތި، ހަމަޖެހުން ގާއިމުވެފައި އޮތް އުފާވެރި ގައުމަކަށް ވެގެންދާން ބޭނުންފުޅުވާ ކަމަށެވެ. އަދި މިނިވަންކަން ކޮންމެ ދުވަހަކު އިހުސާސްވާ، މިނިވަން ގައުމެއްކަން ފަހުރުވެރިކަމާ އެކީ ގަބޫލުކުރާ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަށްދާން ބޭނުންފުޅުވާ ކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމުގެ ކަންކަން ކުރަން މަސައްކަތް ކުރަނީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އަވަށްޓެރި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.
ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.
މީގެއިތުރުން މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވިއިރު، ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް މިވަގުތު ހުންނެވީ އިންޑިއާގަ އެވެ.