މިދިޔަ ހަފުތާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ލިބުނު ގެއްލުންތަކުގެ އަދަދު 2.2 މިިލިއަން ރުފިޔާ އަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އެ ވިއްސާރައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިއަދި ހިއްސާކޮށް އެތަނުން ބުނީ 2.2 މިލިއަން ރުފިޔާގެ ގެއްލުމަކީ ހަމައެކަނި މީހުން ދިރިއުޅެމުން ގެތަކަށް ލިބުނު ގެއްލުންތަކަށް އަރާ ވަރު ކަމަށެވެ. އެގޮތުން 27 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިމާއި ކެއުންބުއިން ދެ ދުވަހަށް ހަމަޖައްސައި ދޭން ޖެހުނެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި އަތޮޅު ތެރޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކަށް ބަލާ އިރު ހަމައެކަނި ގެތަކަށް ލިބުނު ގެއްލުންތަކުގެ އަގު 800،000ރ. އަށް އަރާ ކަމަށެވެ. ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500ރ. ހޭދަ އިރު، ހާލުގައި ޖެހުނު ފަރާތްތަކަށް ހަމަޖައްސައި ދިން ވަގުތީ ބޯހިޔާވަހިކަމަށާއި ކެއުން ބުއިމުގެ ހަރަދަށް 200،000ރ. ހަރަދުވި އެވެ.
އެންޑީއެމްއޭ އިން ބުނީ މާލެ އާއި އަތޮޅުތަކުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ 3 ގައި ކުރި ވިއްސާރައިގައި އަތޮޅުތެރޭގެ 10 ރަށަކަށް ގެއްލުންވި އެވެ. މީގެ ތެރޭގައި ހިމެނެނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެގެން ގެއްލުންވި 8 ރަށަކާއި އުދަ އަރައިގެން ގެއްލިންވި ދެ ރަށެކެވެ. އުދަ އަރައިގެން ގެއްލުންވީ ރ. އިނގުރައިދުއަށާއ ށ. ނަރުދުއަށެވެ.
ފެން ބޮޑުވެގެން ގެއްލުންވި ރަށްތަކަކީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި އަދި ކ. ހިންމަފުއްޓެވެ.