މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުނު ނަމަ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ބަލިކުރެއްވުނީސް ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ޔޫއެސް ޓުއޭ އަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުނު ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން އިތުރު އަހަރުގެ ދައުރެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވިދާނެކަމާ މެދު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އުމުރުން މިހާރު 82 އަހަރުގައި ވެސް ކަންކަން "ހަމަ ރަނގަޅު" ކަމަށް ބައިޑެން ވިދާޅުވި އެވެ.
"ކިހިނެއް އެނގޭނީ އަށްޑިހަ ހަ އަހަރާ ހަމައަށް ދާ އިރު ވެސް އަހަރެން ހަމަ މި ގޮތުގައި ނުހުންނާނެ ކަމެއް." އޭނަ ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވި ނަމަވެސް ޓްރަމްޕާ ވާދަކުރައްވަން އޭނަ ނުކުންނެވުނު ނަމަ ނަތީޖާ ބަދަލު ކުރެވުނީސް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ބައިޑެން އަށް ޖެެހިވަޑައިގަތީ އޭނަގެ "ހާލަތު" ގެ ސަބަބުން ޕާޓީގެ ތެރެއިން ކުރިމަތިކުރަމުން ދިޔަ ފިއްތުންތަކާ ހެދި އެވެ. އެހެންވެ ވާދަނުކުރައްވަން ނިންމަވައި، ޖުލައި މަހުގެ ތެރޭގައި ޓިކެޓް ހަވާލުކުރެއްވީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ހެރިސްއާ އެވެ.
ނޮވެމްބަރު 6 ގައި ބޭއްވި އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އޭނަ ވެރިކަމުގެ ހުވާ ދެވަނަ ދައުރަކަށް ކުރައްވާނީ މި މަހުގެ 20 ގަ އެވެ.
ޓްރަމްޕް ކުރިން ވެރިކަން ކުރެއްވީ 2016-2020 އަށެވެ. އެ ފަހަރު އޭނަ އިންތިހާބު ކާމިޔާބު ކުރެއްވީ އަންހެން ކެންޑިޑޭޓަކާ ވާދަކުރައްވަ އެވެ. އެއީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނާ އެވެ.