ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި "ހިޔާވެހި" ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނި ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާ އެކީ ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ސްކީމްގެ ބޭނުން ހުރިހާ ރައްޔިތުން ވެސް ހިފުމަށް އެދިވަޑައިގެންފަ އެވެ.
"ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމަކީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިފުތިތާޙުކުރި ސްކީމެކެވެ. މި ސްކީމްގެ ދަށުން ތިން ކެޓަގަރީއަކުން މާލީ އެހީ ލިބޭނެ އެވެ. އެއީ ރަށްވެހި، ސަހަރު އަދި ފަހިމާލެ އެވެ.
ސްކީމްގެ ތެރެއިން ލޯނު ދޭނީ އިސްލާމީ ސްކޫލާ އެއްގޮތަށް 5 ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތް ކުރުމަށަވެ.
"ހިޔާވެހި" ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައި ހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުނން ކަމަށްވާތީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް، އެ މީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު އޮންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެވޭނެ އަނެއް ގޮތަކީ ސަރުކާރުން ހައުސިން މަޝްރޫޢުތައް ހިންގުން ކަމަށެވެ. އެހެންވެ މި އަހަރުގެ ބަޖެޓުގައި އެކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒެއް ކަމަށެވެ. އެގޮތުން ހައުސިން ޔުނިޓާއި ލޯނު ސްކީމާއި އެ ނޫން ވެސް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މީހަކީ ވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަކަށް ފުރުޞަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.