Last Updated: January 20, 22:59
Monday, January 20, 2025
މުނިފޫހިފިލުވުން

ޕަރިނީތީ އާ ފިލްމެއްގެ މަސައްކަތުގައި

ކައިވެނިކުރި ފަހުން ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ކުޅޭ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފި އެވެ.

މި ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލް މުމްބާއީގައި މިހާރު ކުރިއަށްދާ އިރު، ބައެއް މީޑިއާތަކުން އިއްޔެ ލޮކޭޝަނުން ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވާ އިރު، އިންސްޓަގްރާމް ސްޓޯރީގައި ޕަރިނީތީ ވެސް ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ.

އެކަމަކު އާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެހެންވެ މީގެ ނަމާއި ޑައިރެކްޓަރާއި އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ މިއީ ނެޓްފްލިކްސްގެ ޕްރޮޖެކްޓެއް ކަމަށެވެ.

އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރާގަވް ޗައްޑާއާ 2023 ގައި ކައިވެނިކުރި ޕަރިނީީތީ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން މިދިޔަ އަހަރުގެ ކުރީކޮޅު ގެނެސްދިން ޑައިރެކްޓަރު އިމްތިއާޒް އަލީގެ "އަމަރު ސިންގް ޗަމްކީލާ" އިންނެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައިވާ ބަތަލާއެއް ނޫނެވެ. ބަތަލާއެއްގެ އިތުރުން އޭނަ އަކީ ލަވަކިޔުންތެރިއެއް ވެސް މެ އެވެ.