ދިވެހި އަތަ އަކީ އަހަރެމެންގެ ތެރޭގައި ގިނަ ބަޔެއްގެ މަޤުބޫލް މޭވާއެކެވެ. ނަމަވެސް މިހާރަކަށް އައިސް ދިވެހި ފަސް ގަނޑުގައި އަތަ ހެއްދުމަކީ ވަރަށް އުނދަގޫކަމަކަށް ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މި މަޤުބޫލް މޭވާ، ރާއްޖެއިން ބޭރުން އެތެރެކޮށް ވިއްކުމަށް މިވަނީ މަޖުބޫރުވެފައެވެ. މިހާރު ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރީ ރާއްޖެއިން ބޭރުން އެތެރެކޮށް ވިއްކާ "އަތަ" އެވެ.
އަހަރެމެންގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް، ފުދުންތެރިކަން އިތުރުމަށް އަމާޒު ހިފާފައިވާއިރު، މި ފަދަ ބާވަތްތައް ހެއްދޭނެ ގޮތުގެ މައުލޫމާތު އެނގުންވެސް ވަރަށް މުހިންމެވެ. އެހެންކަމުން މި ރިޕޯޓް ގައި މި ބަލާލަނީ ދިވެހި "އަތަ" ހައްދާނެ ގޮތުގެ މައުލޫމާތަށެވެ.
އަތަ ހެއްދުމަށް ރަނގަޅީ މެދުމިނަކަށް ފެންހިފަހައްޓާ ބިންބިމެވެ. އަތައަށް ވަރަށް ގިނައިން ފެން ބޭނުންވެއެވެ. ފުދޭވަރަކަށް ފެންނުލިބިއްޖެނަމަ ގަހުގައި އަޅާމާ އަދި މޭވާ ވަނދުވެގެން ވެއްޓެއެވެ. އަތަ އިންދާނެ ބިމެއް ޚިޔާރު ކުރުމަށްފަހު ފަސްގަނޑުޖަހައި، އަދި ކާދުއަޅައިގެން ބިންގަނޑު މުއްސަނދިކުރުން ބޭނުމެވެ.
ފަސްގަނޑުޖަހާއިރު ގަލާއި، މޫތައް ބިންގަނޑުން ނެގުން ރަނގަޅެވެ. ދެރަ ބިންގަނޑެއްގައި އަތަ އިންދުމުން ގަހުގެ ހެދުން ދެރަވެ މޭވާއެޅުން ލަސްވެ އަޅާލެއްވެސް މަދުވާނެއެވެ. އޮށްއިންދައިގެންނާއި ގޮފި ގްރާފްޓްކޮށްގެންވެސް އަތަ ހެއްދިދާނެއެވެ.
* އިންދައި ހެއްދުން:
އޮށް އިންދާ ނަމަ މުޑުވައްއޮށް ހޯދާނީ ގަދަކޮށް ހެދޭ ބަލިނުޖެހޭ ގަހެއްގެ ބޮޑު ދޮން އަތައަކުންނެވެ. ތާޒާއޮށް އިންދުމުން ގަސްފެޅުމުގެ ބާރުގަދަވާނެއެވެ. އޮށްއިންދާނީ 3/1 އިންޗި ފުންމިނުގައެވެ. އަތައިގެ އޮށަކީ ހަރުއޮށަކަށްވާތީ ގަސްފަޅާނީ ގާތްގަނޑަކަށް މަހެއްހާދުވަހުންނެވެ. ގަސްފަޅާތާ 9 މަހާއި 12 މަހާ ދެމެދު ރަނގަޅު ގަސް ފަހަގަކޮށް ނަގައި އިންދަން ބޭނުންވާ ތަނެއްގައި އިންދާށެވެ. ގަސްއިންދާނީ ދެގަސްދޭތެރޭ 8- 10 ފޫޓު ހުންނަ ގޮތަށެވެ. ގަސް ރަނގަޅަށް ހެދި އޮފިހެލުމުން ގަސްކުޑަކޮށް ޕްރޫންކުރުމުން (ވާއޮފިކޮށާލުމުން) ގަސް ރަނގަޅަށް ހެދެއެވެ. އަދި ކޮންމެ ގަހެއްގެ ވަށައިގެން އަހަރަކު އެއްފަހަރު ގަސްކާނާ ނުވަތަ ކާދު އެޅުމުން ގަސްހެދުން އާލާވާނެއެވެ.
* އަތަ ގަހަށް ޖެހޭ ބަލިތަކާއި އޭގެ ފަރުވާ:
ކަޅުކޫޑި (ބްލެކް ކެންކާ): މިއީ ފަންގަހަކުން ޖެހޭ ބައްޔެކެވެ. މިބަލިޖެހުމުން އަތައިގެ ތޮށިގަނޑުގައި ގަދަ ކަޅުކުލައަކަށްދާ ގަދަ ދަނބުކުލައިގެ ބޮޑެތި ތިކިތަކެއްޖަހައެވެ. ބަލިޖެހިފައި ހުންނަ ހިސާބުގަނޑު ކުޑަކޮށް ކެނޑިފައިވެސް ހުރެދާނެއެވެ. ތޮށިގަނޑުގެ ދަށް ހުންނާނީ ކުޑަކޮށްފީވެފައެވެ.
ފަރުވާ: މިކޫޑި އެޅުމުން ދުންފަތުފެން ނުވަތަ ސައިބޯނި ފެނުން ސްޕްރޭކުރާށެވެ. ނުވަތަ ބެންލޭޓް ފަދަ ފަންގިސައިޑަކުން ސްޕްރޭކުރާށެވެ.
ޕާރްޕަލް ބްލޮޗް: މިބަލިޖެހުމުން ގަހުގެ ޅަމޭވާ ވަނދުވެގެން ވެރެން ފަށާނެއެވެ. ވެއްޓޭ މޭވާ އެއްގައި ދަނބުކުލައެއްގެ ބޮޑެތި ލައްތަކެއްޖަހާފައި ހުންނާނެެއެވެ. ބަލިޖެހިފައި ހުންނަ އަތައިގެ އެތެރޭގައި ކުލަ ވެއްޓުމުގެ ކުރިން މުށިކުލައަށް ބަދަލުވާނެއެވެ. ޢާއްމުގޮތެއްގައި ގަހުގެ ތިރީގެ އޮފިތަކަށް ބަލިޖެހުން މަދުވާނެއެވެ.
ފަރުވާ: ބަލީގެ ކުރީކޮޅުގައި ފަންގިސައިޑަކުން ސްޕްރޭކުރާށެވެ. ގަހުގެ ބުޑުމާބޮޑަށް ހާމަކޮށް ބޭއްވުމުން ބަލިބޮޑަށް ފެތުރޭނެއެވެ.
ރަތްކޫޑި: ބަލިޖެހުމުން ގަހުގެ މައިގަނޑާއި މޭވާގައި މަޑު އޮރެންޖުކުލައިގެ އުއްތަކެއް ހުރެއެވެ. މި އުއްތައް ހުންނާނީ ވަރަށް ބޮޑަށް ގަހުގަ ނުވަތަ މޭވާގައި ތަތްވެފައެވެ. ކޫޑި ނައްޓާލާފައި ފިއްތާލުމުން މަޑުރަތްކުލައިގެ ދިޔައެއް ނުކުންނާނެއެވެ.
ފަރުވާ: ރޮގަ، ސްޕްރަސައިޑް ފަދަ ފަންގިސައިޑަކުން ސްޕްރޭކުރާށެވެ.
ހުދުކޫޑި: މިކޫޑި ގިނައިން އަޅާފައި ހުންނާނީ ފަތުގެ ދަށުން މައިނާރު މަތީގައްޔާއި އަދި ޅަކުރީގައެެވެ. ބަލިޖެހުމުން ގަސްހެދުން ދެރަވެ، އަދި މޭވާއެޅުން މަދުވާނެއެވެ.
ފަރުވާ: ރޮގަރ، ތައޮޑިން، ނުވަތަ އެހެންވެސް ފަންގިސައިޑަކުން ސްޕްރޭކުރާށެވެ. މިފަދަ ބޭހެއް ނުލިބިއްޖެނަ މަ ސައިބޯނިފެން ބޭނުންކުރުންވެސް ރަނގަޅެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ