الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އޮޅުމެއް ނެތް ގޮތުގައި އަޅުގަނޑުމެން އެ ދީނަކަށް ތަބަޢަވެގެން މި ތިބަ މާތްވެގެންވާ އިސްލާމް ދީނުގައި އެއްބައިވަންތަ ކަމަށް ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވެ އެވެ. އެހެން އެއްވެސް ދީނެއްގައި ނުވަތަ ދިރިއުޅުމުގެ ނިޒާމެއްގައި މިކަމަށް ދީފައިނުވާ ވަރުގެ ބޮޑު އަހަންމިއްޔަތު ކަމެއް މި ދީނުގައި ދެއްވާފައިވެއެވެ.
އެގޮތުން އެއްބައިވަންތަ ކަމަށް ބުރޫއަރާ ހުރިހާ ކަމެއް މި ދީނުގައި ވަނީ މަނާ ކުރައްވާފަ އެވެ. އަދި އެއްބައިވަންތަކަން ނެތި ގޮސް ދޭދޭ ދެ އަފުރާދުންގެ މެދުގައި ޖެހިދާނޭ މައްސަލަތައް ޙައްލުކުރުމަށް ނުހަނު ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައިވެ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުއްވާފައިވެ އެވެ.
(فَاتَّقُوا اللَّـهَ وَأَصْلِحُوا ذَاتَ بَيْنِكُمْ ۖ وَأَطِيعُوا اللَّـهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ) [سورة الأنفال 1]
މާނައީ: “ފަހެ، ތިޔަބައި މީހުން اللَّهއަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙުކުރާށެވެ! އަދި ތިޔަބައިމީހުން މުއުމިނުންކަމުގައިވާނަމަ، اللَّهއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާށެވެ!”
(لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّـهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا)[سورة النساء 114]
މާނައީ: “އަދި އެމީހުން އެއްވެ ހިނގާ ގިނަ ސިއްރު ސައްލާތަކުގައި ހެވެއްނެތެވެ. ހަމަ އެކަނި ޞަދަޤާތްކުރުމަށް އަމުރުކުރި މީހެއް މެނުވީއެވެ. ނުވަތަ ކޮންމެވެސް ހެޔޮކަމެއްކުރުމަށް އަމުރުކުރި މީހެއްމެނުވީއެވެ. ނުވަތަ މީސްތަކުންގެ މެދުގައި އިޞްލާޙެއްކުރުމަށް އަމުރުކުރި މީހެއް މެނުވީއެވެ. އަދި އެކަންތައްތަށް ﷲގެ ރުހިވޮޑިގަތުން އެދިގެން ކޮށްފިމީހާ (ދަންނާށެވެ!) ނިކަންހުރެ ތިމަންއިލާހު އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.”
އަދި ނަބިއްޔާ صلى الله عليه وسلمއަޅުގަނޑުމެންނަށް ޚަބަރު ދެއްވާފައިވާ ގޮތުގައި މީސްތަކުންގެ ދެމެދު އިޞްލާހުކުރުމަކީ، ސުންނަތް ނަމާދުކުރުމާއި، ސުންނަތް ރޯދަ ހިފުމާއި، ހެޔޮކަމުގެ ގޮތުން ކުރެވޭ ޞަދަޤާތާއި މިކަންކަމަށްވުރެ މާތްކަމެކެވެ.
އަބުއްދަރުދާ رضي الله عنهގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘްފުޅުކުރެއްވިއެވެ.
((أَلا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاةِ وَالصَّدَقَةِ ؟ قَالُوا : بَلَى . قَالَ : صَلاحُ ذَاتِ الْبَيْنِ ، فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ ) قَالَ الترمذي : وَيُرْوَى عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّم أَنَّهُ قَالَ : ( هِيَ الْحَالِقَةُ . لا أَقُولُ تَحْلِقُ الشَّعَرَ ، وَلَكِنْ تَحْلِقُ الدِّينَ )) . [رواه أبو داود ( 4273 ) والترمذي ( 2433 ) . وحسنه الألباني في صحيح الترمذي] .
މާނައީ: “ސުންނަތް ރޯދަ ހިފުމާއި ސުންނަތް ނަމާދުކުރުމާއި ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ޢަމަލެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށްނުދެއްވަންހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. (ބަޔާންކޮށްދެއްވާށެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ދެމީހުންގެދެމެދު ޞުލްޙަ ކުރުމެވެ. ފަހެ ހަމަކަށަވަރުން ދެމީހުންގެދެމެދު ފަސާދަކުރުމަކީ ނެތިދިޔުމެކެވެ.) އަދި ތިރުމިޛީ ވިދާޅުވިއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ. އެއީ ނެތިދިޔުމެވެ. އަދި އިސްތަށިބޭލީމާ އެއިސްތަށި ނެތިގެންދާވާހަކައެއް ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު މިވިދާޅުވަނީ ދީން ނެތިދާވާހަކައެވެ.
މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އިސްލާމް ދީނުގައި ވަނީ، ދޮގު ހެދުން ވެސް ހުއްދަ ކުރައްވާފަ އެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެން ވަނީ މައްސަލަ ޖެހިފައި ތިބޭ ދެއަޚުންގެ ކައީރީގައި ވެސް އެކަކު އަނެކެއްގެ ރަނގަޅު ވާހަކަތައް ދެއްކުމެވެ. އަދި އެއް އަޚެއްކައިރީ އަނެއް އަޚަކަށް ތައުރީފުކޮށް ވާހަކަ ދެއްކުމެވެ. އެހެނީ މިކަންކަމުގެ ސަބަބުން މައްސަލަ ޖެހިފައި ތިބޭ ދެފަރާތުގެ މައްސަލައަށް ހައްލެއް އައުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ. އަދި މިގޮތަށް ދެފަރާތެއްގެ ދެމެދު ޞުލްޙަކުރުމަށްޓަކައި ދެކެވޭ ވާހަކަތައް އެއީ ޙަރާމް ކުރެވިގެންވާ ދޮގުގެ ތެރެއިން ހިމެނިގެންވާނޭ ކަންކަމެއް ނޫނެވެ.
އުންމު ކުލްޘޫމް ބިންތް ޢުޤްބާ ބުން އަބީ މުޢީޠްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘްފުޅުކުރެއްވިއެވެ.
((لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ فَيَنْمِي خَيْرًا أَوْ يَقُولُ خَيْرًا ))[رواه البخاري (2495)] .
މާނައީ: “ހެޔޮކަންކަން އާލާކޮށް ރަނގަޅު ބަސްތައްބުނެ، މީސްތަކުގެ ދެމެދު އިޞްލާޙުކުރާ މީހާއީ ދޮގުވެރިއެއް ނޫނެވެ.”
އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ މިކަންކަމާމެދު ވިސްނާ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެއްބައިވަންތަކަން ހިފަހައްޓާ އަޅުގަނޑުމެންގެ ދޭދޭ ދެއަޚުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމެވެ. އަދި ބައިބައިވެ، ވަކިވަކިވެ ނުދިއުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ.
(وَأَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖوَاصْبِرُوا ۚ إِنَّ اللَّـهَ مَعَ الصَّابِرِينَ) [سورة الأنفال 46]
މާނައީ: ”އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّهވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.”
މަސްދަރު: ދިސަލަފިއްޔާ