Last Updated: May 10, 17:23
Saturday, May 10, 2025
ޚަބަރު

އުމްރާ ގްރޫޕަކަށް ދައުވާ ކުރަން ފޮނުވައިފި

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދާ ކުންފުންޏެއްގެ ޗެކްތަކެއް ބައުންސްވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދައުވާކޮށް ދޭން ޕީޖީ މިދިޔަ މަހުގެ 2 ގައި ފޮނުވީ އަލް މަޝްއަރު ޓުއާސްގެ މައްޗަށެވެ.

އެ ކުންފުންްޏަށް ދައުވާކުރަން ފޮނުވީ ފްލައިޓެއް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައި ދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ޗެކުތައް ބައުންސްވީ މައްސަލައެއްގަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެޕްރިލް 13، 2024 ގަ އެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 2023 ގައި 138 މީހަކު އުމްރާ އަށް ސައުދީ އަށް ގެންދިޔަ އެވެ. އެއީ އެ އަހަރުގެ މާޗް މަހާއި އެޕްރީލް މަހުގަ އެވެ. އެ މީހުންގެ ޓިކެޓްގެ އަގަށް 141،450 ޑޮލަރު އެރިއިރު، ފްލައިޓް ޗާޓަރުކޮށްދިން ކުންފުންޏަށް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ބައުންސްވެފައިވެ އެވެ.

އެކަމާ ގުޅިގެން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލައި އެ ގްރޫޕްގެ ހުއްދަ ވެސް ބާތިލުކުރި އެވެ.

އެކަން އެހެން އޮއްވައި އެ ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރު ވެސް އުމްރާއަށް ދިޔަ ދިވެހިންތަކެއް ހާލުގައި ޖެހި ރާއްޖެ ނާދެވި ތާށިވި އެވެ. އެ ފަހަރު އުމްރާ އަށް މީހުން ގެންދިޔައީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ވެސް ނެތި އެވެ. އަދި އެ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި އެވެ.

އަލް މަޝްއަރް އަށް ދައުވާކުރަން ފޮނުވި އިރު، އަލް ހިޖްރަ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުންގެ ފައިސާތައް ބޭނުން ކުރުމަށްފަހު ސައުދީގައި އެ މީހުން ހާލުގައި ޖެއްސި މައްސައަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެ ގްރޫޕުގެ ހުއްދަ ބާތިލުކޮށް، 100،000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.