Last Updated: May 1, 18:22
Thursday, May 1, 2025
ޚަބަރު

މިދިޔަ މަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.33 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 4.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.1 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.7 ޕަސެންޓް އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން، އެ ދާއިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމަކީ ވެސް ޑިސެންބަރުމަހުގެ އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 1.33 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައެވެ. އެއީ 378.55 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.