Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

މަސްވެރިންގެ ފައިސާ ވާހަކަ ފަތުރަނީ ނަފުރަތު އުފެދޭ ގޮތަށް

ކިރުވާ މަހަށް މިހާރު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ މޮޅު ކަމަކަށް ހަދައިގެން ސަރުކާރުން އެ ވާހަކަ ދައްކަމުންދާ އިރު، އެކަން ކުރަނީ މަސްވެރިންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އޭނަ ނާޒިލް މަސްވެރިންނަށް ފައިސާދޭ ވާހަކަ ސަރުކާރުން ދައްކަނީ އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާ ވާހަކަ، ސަރުކާރުން ދައްކާގޮތުން، މަސްވެރިންނާ ދޭތެރޭ ނުރަނގަޅު ތަސައްވުރެއް އުފެދޭ ކަމަށްވިދާޅުވިއެވެ.

"މަސްވެރިންނަށް ވެސް ފިއްތުންތަކާ ދުއްތުރާތައް މެދިވެރިކޮށް ބަހައްޓާފައި، މަސްވެރިންނަށް ލާރިދޭ ވާހަކަ ޓްވީޓު ކުރަމުން، ޚަބަރުގައި އެ ވާހަކަ ލިޔަމުން، ރައްޔިތުންގެ ތެރޭގައި އާންމު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެދޭ ގޮތަށް،" ނާޒިލު ވިދާޅުވި އެވެ. "މަސްވެރިން ގޭގައި ތިބެގެން ދައުލަތުގެ އާމްދަނީން ލާރިތަކެއް ދޭ އުސޫލުން ވާހަކަ ދެކެވެނީ. އޮޅުވައިލަނީ، ދޮގު ހަދަނީ."

ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން މިފްކޯ އިން ފެށީ މިދިޔަ އަހަރު މަސްވެރިންގެ ދުވަހާ ގުޅުވައި ޑިސެމްބަރު މަހުގެ 10 އިން ފެށިގެންނެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި އެ ކުންފުނިން އަންނަނީ ފައިސާގެ ތަފުސީލުތައް ވެސް އާންމު ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިރުތެރޭ ފައިސާ ދޫކުރަން ފެށި އިރު، ފައިސާ ލިބުން ލަސްވެގެން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން ކުރިް މުޒާހަރާ ވެސް ކުރަމުން ގޮސްފައިވެ އެވެ.

މަސްވެރިން ކިރާ މަހަށްވާ ފައިސާ، އެ މީހުންނަށް ލިބުމުގައި ލަސްވާ މައްސަލަ ބޮޑުވެގެން މަސްވެރިން ވަނީ މީގެކުރިން އެކި ފަހަރުމަތުން އިހުތިޖާޖު ވެސް ކޮށްފައެވެ.