Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

މިފްކޯގެ ކޮރަޕްޝަންތައް މުލުން ލުހެލާނަން: ރައީސް

ޒަމާނުއްސުރެ މިފްކޯގެ ތެރޭގައި ހުރި ކޮރަޕްޝަނުގެ އަމަލުތައް މުލުން ލުހެލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އިއްޔެ ގއ. ދެއްވަދޫގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބޭރުގެ ސީއީއޯއެއް ވެސް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިފްކޯގެ ތެރޭގައި ހިނގާ ބޭކާރު ހަރަދުތައް ރަނގަޅު ކުރަން ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

"އެތާ އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައް ހިނގާ. އަޅުގަނޑު ދެން ގަބޫލު ކުރަނީ ކޮރަޕްޝަނުގެ އަމަލުތަކެއް ގޮތަށް ފެންނަ ކަންތައްތަކެކޭ. އަޅުގަނޑުމެން އެ ހުރިހާ [ގޯސް] ކަމެއް ހަމަ މުލުން ލުހެލާނަން. އެ އަޒުމުގެ މަސައްކަތްތައް ފަށާފައި އެ ހުރީ. ބޭރު މީހަކު އެ ހުރީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި ކަންކަމުގެ ތެރޭ އާންމުކޮށް ނޫޅޭ ހިސާބަކުން ރަނގަޅު ބޭފުޅަކު ގެނެސް ހަވާލުކޮށްފައި. އަނެއްކާ ތަނުގެ ހިންގުން އަޅުގަނޑުމެން ވަރަށް ގާތުން ސީދާ މި ރިފޯމު ތެރެއިން މި ކުރިއަށް ގެންދަނީ."

އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ މިފްކޯ ހަރުދަނާކޮށް، އެ ތަނުގެ އިސްރާފު ކުޑަކޮށް އަދި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.