ވަޒީފާގެ މާހައުލުގައި ކުރެވޭ މަސައްކަތްތަކުގައި ފަރުވާ ކުޑަ ކުރާނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވާނީ، އިހުލާސްތެރިކަމާއެކު އެކަން ކޮށްގެން ކަމަށާއި އަދި ހަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްގެން ކަމަށެވެ.
މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ މަސައްކަތުގެ ބަރަކާތް ކެނޑިދާނެ ކަމަށާއި ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައި ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން، ވަޒީފާގެ އުސޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
"ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ. ސޮއިކުރާ އަގުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަސްވީރަކަށް ނުހަދާށެވެ. އެހެނީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ އަހުދު ކަށަވަރެކެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރިކަމާ އެކު އެ ޚިދުމަތެއްވީ އެންމެ ފުރިހަމައަށް އިހުތިރާމާއި އޯގާތެރިކަމާ އެކު ފޯރުކޮށްދިނުމަށާއި އަދި މުވައްޒަފުންގެ ފަހަތުން ޚިދުމަތް ލިބިގަންނަ މީހާ ދުވަން ނުޖެހޭގޮތަށް، ތިބާގެ ދުވަހުގެ މަސައްކަތް ތަރުތީބު ކުރުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.
ވަޒީފާ ދޭ ފަރާތުގެ މައްޗަށް ވެސް ހައްގުތަކެއް ވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ގަވާއިދުން ދޭންޖެހޭނެ ކަމަށާއި ވަޒީފާގެ އުޞޫލުތަކުގެ ތެރެއިން ދޭންޖެހޭ ޗުއްޓީއާއި ހުސްވަގުތު ދީ، މުވައްޒަފުންގެ މެދުގައި އަދުލު އިންސާފު ގާއިމުކޮށް، އޯގާތެރިކަމާ އެކު މުއާމަލާތު ކުރަންޖެހޭނެކަން ފާހަގަކޮށްފަ އެވެ.