Last Updated: January 20, 22:59
Monday, January 20, 2025
މުނިފޫހިފިލުވުން

ޝާހްރުކް 'ޗަމުންދާ' ގަބޫލެއް ނުކުރި

އާލިއާ ބަޓްގެ ބަތަލާގެ ރޯލު ކުޅޭނެ ކަމަށް ބެލެވޭ، ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްގެ "ޗަމުންދާ" ގެ ރޯލެއް ޝާހްރުކް ޚާނަށް ހުށަހެޅުމުން ގަބޫލު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ ޝާހްރުކް އެ ފިލްމު ގަބޫލުކުރީ "އިސްތިރީ" ފަދަ މަގުބޫލު ފިލްމުތައް ހިމެނޭ ޔުނިވާސް އަކީ މިހާރު ބޮޑު ހިޓަކަށްވާތީ، އެ ޔުނިވާސް އަށް އޭނަގެ ބޭނުން އޮތް ކަމަށް ގަބޫލު ނުކުރެވޭތީ އެވެ. އެހެންވެ "ޗަމުންދާ" އިން ލިބުނު ފުރުސަތު ދޫކޮށްލައި، މެޑޮކްގެ އެހެން ފިލްމެއްގައި މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ޝާހްރުކް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ޗަމުންދާ" ޝާހްރުކް އަށް ހުށަހެޅި އިރު، ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އިސްތިރީ 2" ގެ ޑައިރެކްޓަރު އަމަރު ކޯޝިކް ދާދި ފަހުން ވަނީ ޝާހްރުކާ އެކު ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ބޮޑު ކަމަށް ބުނެފަ އެވެ. އަދި ޝާހްރުކް ވެސް އޭނައާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ޗަމުންދާ" އަކީ އަންނަ އަހަރުގެ ޑިސެމްބަރު 4 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މީގެ ބަތަލާ އަކީ އާލިއާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މެޑޮކްސް އިން އެކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. "ޗަމުންދާ" ގެ ބަތަލާ އަކީ އާލިއާއަށް ވެއްޖެ ނަމަ މި ފިލްމު ވާނީ އޭނަ މެޑޮކްސް އަށް ކުޅޭ ފުރަތަމަ ފިލްމަށެވެ.

ނަމަވެސް އާލިއާގެ މި ފިލްމުގައި ޝާހްރުކް ހިއްސާ ނުވާން ނިންމި އިރު، ދެ ތަރިން އެކީގައި ކުރިން ފިލްމެއް ކުޅެފައިވެ އެވެ. އެއީ ޑައިރެކްޓަރު ގޯރީ ޝިންޑޭ 2016 ގައި ގެނެސްދިން ކޮމެޑީ ޑްރާމާ "ޑިއާ ޒިންދަގީ" އެވެ.

ޝާހްރުކް މިހާރު އަންނަނީ ދަރިފުޅު ސުހާނާ ޚާނާ އެކީ ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ދަ ކިންގް" އަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ޑައިރެކްޓަރަކީ ޝާހްރުކްގެ 2023 ގެ "ޕަތާން" ގެނެސްދިން ސިތާދު އާނަންދެވެ.