Last Updated: January 20, 22:59
Monday, January 20, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ދަނޑިއަލުވި ހައްދާނެ ގޮތް

ދަނޑިއަލުވިއަކީ އެމޭޒޯނިޔާ ސަރަޙައްދުން ދުނިޔެއަށް ތަޢާރަފްވެގެން އައިސްފައިވާ ބާވަތެކެވެ. މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހައްދަމުން ގެންދާ މިބާވަތަކީ ދުނިޔޭގެ 800 މިލިޔަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ.
ކޮންމެ ކަހަލަ ފަސްގަނޑެއްގައި ވެސް މާ އުނދަގޫ ކަމެއް ނެތި ހައްދާލެވޭ މިބާވަތް އުފެއްދުމަށް މާ ބޮޑު ހޭދައެއް ކުރަން ނުޖެހުމަކީ ކުދި އަދި މެދުފަންތީގެ ދަނޑުވެރިންގެ މެދުގައި މިބާވަތް މަޤުބޫލުވާ އެއް ސަބަބެވެ.

މުޑުވައް ޚިޔާރުކުރުން:

ދަނޑިއަލުވި މުޑުވައް ކުރަނީ ގަހުގެ ދަނޑިގަނޑު ރޯކޮށްގެންނެވެ. ކުރިން ހައްދަމުން ދިޔަ ދަނޑިއަލުވި ގަސްތަކުން ދަނޑިއަލުވި ކޮނުމަށްފަހު، އެގަސްތައް ގާތްގަނޑަކަށް 1 ފޫޓު ދިގުމިނުގައި ބުރިބުރި ކޮށްލުމަށް ފަހު ރޯކޮށް ހުއްޓާ އިންދަން ބޭނުންވާ ސަރަޙައްދުގައި އަލުން އިންދާނީ އެވެ.

ރަނގަޅު މުޑުވަކެއް ޚިޔާރު ކުރުމަށްޓަކައި:

މުޑުވައް ކުރުމަށް ބޭނުން ކުރާ ގަހުން ލިބިފައިވާ ދަނޑިއަލުވި އަކީ ބޭނުން ކުރާ ފަރާތްތަކުން ގަޔާވާ ފަދަ ސިފަތަކެއް ހުންނަ ދަނޑިއަލުވިއެއްކަން ޔަޤީން ކުރަން ވާނެ އެވެ.

– މާބޮޑެތި ޕްރޮސެސް ކުރުންތަކަކާ ނުލާ ފަސޭހަކަމާއެކު ރޯފިލުވާލައިގެން ކެވޭ ވައްތަރުގެ މުޑުވަކަކަށްވުން މުހިންމެވެ.
– މީހުން އެންމެ ބޮޑަށް ބަލައިގަންނަ ދަނޑިއަލުވީގެ މުޑުވަކަކީ އޭގައި މީރު ފޮނި ރަހައެއް އެކުލެވޭ، ފަސޭހަ ކަމާއެކު ރޯ ފިލުވާލައިގެން ބޭނުން ކުރެވޭ މުޑުވައްތަކެވެ.

ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރާ ނަމަ:

ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ ތެރޭގައި ދަނޑިއަލުވި ހެއްދުމަށް ގަސްތު ކުރައްވާނަމަ މުޑުވަކަށް ޚިޔާރުކުރާ ގަހުން ފައިބާ ދަނޑިއަލުވީގެ ބޮޑު މިނާއި، ދަނޑިއަލުވި ފޭބުމަށް ނަގާ މުއްދަތު ކުރުވުމާއި އާންމުކޮށް ޖެހޭ ބަލިތައް ޖެހުން ދުރު ރަނގަޅަށް ހެދިފައިވާ ޞިއްހަތު ރަނގަޅު ގަހަކުން ނަގާ މުޑުވަކެއްކަން ޔަޤީންކުރުން މުހިންމެވެ.

ރާއްޖޭގައި އާންމުކޮށް ހައްދާ މުޑުވައްތަކުން 10 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގައި ހާވެސްޓްކުރެވޭނެ އެވެ.

ބިން ތައްޔާރުކުރުން:

– ދަނޑިއަލުވި ހައްދަން އެންމެ ރަނގަޅީ ފަސޭހައިން ފެންހިނދޭ ގިނައިން ކަޅުފަސް ހިމެނޭ ސަރަހައްދުތަކެވެ.
– ފާއިތުވީ 1 އަހަރު ދުވަހުގެ ތެރޭގައި އެބިމުގައި ހައްދަމުން ގެންދިޔަ ބާވަތްތަކާއި ދިމާވި ފަނިފަކުސާއާއި ބަލިތަކުގެ މައްސަލަތައް ރަނގަޅަށް ދިރާސާކޮށްލަންވާނެއެވެ.
-ގަހަށް ބޭނުންވާ ތަފާތު މިނެރަލްތަކުން މުއްސަނދިވެފައިވާ ބިންގަނޑެއްގައި ދަނޑިއަލުވި އިންދައިފިނަމަ ގަސް ވަރުގަދަޔަށް ހެދި ގަހުގެ ދިފާއީ ނިޒާމު ވަރުގަދަވެގެންދާނެއެވެ.

ގަސް އިންދާނެ ގޮތް:

– ގާތްގަނޑަކަށް 6-8 ފޫޓަށް ހެދޭ މިގަސް އިންދާނީ އެއްގަސް އަނެއް ގަހާ ދެމެދު ގާތްގަނޑަކަށް 2 ފޫޓު ދުރުމިނުގައެވެ.
– ގާތްގަނޑަކަށް ދޮޅުފޫޓުގެ ވަޅުގަނޑަކަށްވާގޮތަށް 1 ފޫޓު ފުންމިނުގައި ފަސްގަނޑު ޖަހާލަންވާނެއެވެ.
– ބެޑެއް ތައްޔާރު ކުރާނަމަ ދެބެޑުގެ ދެމެދުން ދެފޫޓު ދޫކުރުމަށްފަހު ދޮޅުފޫޓުގެ ބެޑުތަކެއް ހަދާލާށެވެ.
– ބެޑުތައް ނުވަތަ ވަޅުތައް ފަސްގަނޑު ޖަހަމުންދާއިރު ބޮޑެތި ގަލާއި އަކިރި އަދި ކުނިފަދަ އެއްޗެތި ހުރިނަމަ ވަކިކޮށްލާށެވެ.

ގަސްތަކަށް ޖެހޭ ބަލިތައް:

ދަނޑިއަލުވި ގަސްތަކަށް ގެއްލުންދޭ ސޫފާސޫފީގެ ތެރޭގައި މީލީބަގް، ހުދުކޫޑި، ސްކޭލް، މައިޓް ހިމެނެއެވެ. ގަސްތަކަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ކަސާވާ މޮޒެއިކް، ކަސާވާ ބެކްޓީރިއަލް ބްލައިޓް، ކަސާވާ އެންތްރެކްނޯސް އަދި ކަސާވާ ބަޑް ނެކްރޯސިސް ހިމެނެއެވެ.

ރާއްޖޭގައި ދަނޑިއަލުވި ހައްދާއިރު ދިމާވާ މައިގަނޑު މައްސަލަތަކަކީ:

– އުދުހޭ ހުދުކޫޑި
– ސްކޭލްސް
– ވައިރަސް
– މީލީބަގް

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

ކުރިން އެދަނޑެއްގައި ހައްދަމުން ގެންދިޔަ ބަލިތައް ރަނގަޅަށް ދެނެގަނެ އެދަނޑެއްގައި ބައްޔެއް ނޫޅޭކަން ޔަޤީންކުރުން.
– ކުރިން އެދަނޑެއްގައި ހައްދަމުން ގެންދިޔަ ބަލިތައް ރަނގަޅަށް ދެނެގަނެ އެދަނޑެއްގައި ބައްޔެއް ނޫޅޭކަން ޔަޤީންކުރުން.
– ފަސްގަނޑު މުއްސަނދި ބިމެއް ޚިޔާރުކުރުން.
– ޤަވާއިދުން ދަނޑުތެރެ ސާފު ކުރަމުން ގެންދިއުން.
– ފަސްގަނޑު މުއްސަނދިކޮށް ދެމެހެއްޓުމަށްޓަކައި ހިކިފަތްފަދަ ފީވެ ހަލާކުވާފަދަ ތަކެތި ދޭތެރެދޭތެރެއިން ބިންގަނޑަށް އަޅަމުން ގެންދިއުން.
– ހަފުތާއަކު ވާރޭ ނުވެހި ގިނަދުވަސްވާނަމަ މަދުވެގެން ހަފްތާއަކު ދެފަހަރު ގަސްތަކަށް ފެންޖަހާލުން.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ