މަގުމަތިން މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް ލިބިގެންދާ ކަމަށެވެ.
"އެހެންވީމާ އެ ފުރުސަތަށް އިންތިޒާރުކޮށްލައްވާށޭ. ގާނޫނީ ސަރުކާރެއް ހިނގަމުންދަނިކޮށް ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކޮށްގެން ނުވާނެ، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން ބަޔަކު ހިތްވަރުދިނުމަކީ އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ މަގުމަތިން ކަމަށް ބުނި ނަމަވެސް، އެއީ އެކަން ހިނގާދިޔަ ގޮތް ނޫން ކަމަށާއި، އެ ދުވަހުގެ ހާލަތު ހަމަޔަކަށް އަޅުވަން ސަލާމަތީ ބާރުތަކަށް އެންގެވިނަމަ، އެ ސަރުކާރު ވެސް ނުވެއްޓޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދަންނަވަން ބޭނުން، މަގުމަތިން ސަރުކާރު ވައްޓައެއް ނުލެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ގައި މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.