މި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "އާޒާދު" އިން ބޮލީވުޑަށް ތައާރަފުވާ އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ހިމަނައިގެން ހޮރޯ-ކޮމެޑީއެއް ޕްރޮޑިއުސްކުރަން އަޖޭ ނިންމައިފި އެވެ.
"ޖަލަކް" ގެ ނަން ދީފައިވާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭގެ ކާމިޔާބު ސުޕަނެޗްރަލް ތުރިލާ ޕްރޮޑިއުސްކުރި ކުމާރު މަންގަތު ޕެނޮރާ ސްޓޫޑިއޯއާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.
މި ފިލްމުގައި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "މުންޖިއާ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ތުޝާރު އަޖްގާއޯންކަރު ވެސް ހިއްސާވާ އިރު، ފިލްމު ޑައިރެކްޓްކުރާނީ އުމަންގް ވިއާސް އެވެ.
އޭނަ އަކީ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ގުޖްރާތީ ހޮރޯ-ކޮމެޑީ "ޖަމްކުޅީ" ގެ ވެސް ޑައިރެކްޓަރެވެ.
"ޖަލަކް" އާ ބެހޭ ގޮތުން އަޖޭ ބުނީ "ޝައިތާން" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާތީ އެ ޖޯންރާ އިތުރަށް އެކްސްޕްލޯ ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ އާ ފިލްމަކީ ވެސް ވާނީ ވަރަށް ޝައުގުވެރި އެއްޗަކަށް ކަމަށް ބުންޏެވެ.
"ޖަލަކް" ގެ ކާސްޓް އެއްކޮށް ފައިނަލްކޮށް ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރަން އޭގެ ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މިހާރު އުމުރުން 24 އަހަރުގެ އާމަން އަކީ އަޖޭގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ. މި މަހުގެ 17 ގައި ރިލިޒްކުރާ "އާޒާދު" އިން އާމަން ބޮލީވުޑަށް ތައާރަފުވާ އިރު، މި ފިލްމުގެ ރޯލަކުން އަޖޭ ވެސް ފެންނާނެ އެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ، 20، އެވެ.