މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުގައި މިވަގުތު ފެންބޮޑު ވަނީ އެ ސަރަހައްދުގައި ހަދާފައިވާ ފެން ހިންދާ ނިޒާމަށް މާލެ ސިޓީ ކައުންސިލްގެ އިހުމާލުން ގެއްލުންތަކެއް ލިބިފައިވާތީ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރިއިރު މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށާއި މިކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ކަމަށާއި، މައްސަލަ ހައްލުކޮށް ސްޓޯމް ވޯޓާ ޕަމްޕުތައް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ރޭ މާލެ އަށް ކުރި ވިއްސާރައިގައި ވެސް މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފް އިން ބުނީ މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން މިހާތަނަށް 18،201 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
އަދި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.