ދަ ޑިމޮކްރެޓްސް ރައީސް ވެސް ހިމެނޭ ގޮތަށް ޕާޓީގެ އިސް މެންބަރުންތަކެއް އެ ޕާޓީ ދޫކޮށްލެއްވުމާ ގުޅިގެން ޕާޓީ ވަގީ ގޮތުން ހިންގެވުމާ ނައީބު ރައީސުން ހަވާލުވެވަޑައިގެންނެވި އެވެ.
އެގޮތުން މިހާރު އެ ޕާޓީގެ ހިންގެވުމާ ހަވާލުވެ ތިއްބެވީ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އާއި ހުސައިް ފިރުޝާނެވެ.
އެ ބޭފުޅުން މިއަދު މެންދުރު ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެ އެވެ. އެ ބައްދަލުމުގައި ޕާޓީން ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.
ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފު އިއްޔެ އެ ޕާޓީން ވަކިވެފައިވާ އިރު، އިއްޔެ ރޭ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ކައުންސިލް މެންބަރު އަލީ އާޒިމް ވެސް ޕާޓީން ވަކިވެވަޑައިގެން، އެ ބޭފުޅުން ކުރިން އުޅުއްވި އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފަ އެެވެ.
މީގެ އިތުރުން 2023 ގެ ރިޔާސީ އިމްތިހާބުގައި ޑިމޮކްރެޓްސް ވާދަކުރެއްވި އިރު، ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި ހުސައިން އަމްރު ވެސް ވަނީ ޕާޓީ ދޫކޮށްލައްވައި އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުނު ބަޔަކު އެ ޕާޓީން ވަކިވެވަޑައިގެން 2023 ގައި އުފެއްދެވި ޕާޓީއެކެވެ. އަދި އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އޭރު އެމްޑީޕީގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދެވެ.