އިންޑިއާގެ މަޝްހޫރު ޒުވާން ބަތަލާ ރަޝްމިކާގެ މަންދަނާ އަށް އަނިޔާވެ، ފިލްމީ މަސައްކަތްތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.
މި ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް އޭނަ ބުނީ މަސައްކަތްތައް މެދުކަނޑައިލަން ޖެހުނީ ޖިމްގައި ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އެހެންވެ މިހާރު މަޑުކުރަން ޖެހިފައި މިއޮތީ ފައި ރަނގަޅުވާނެ އިރަކަށް ކަމަށާއި ވަރަށް އަވަހަށް އެނބުރި މަސައްކަތަކަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ "ޕުޝްޕާ 2" ގެ ބަތަލާ ބުންޏެވެ.
އަނިޔާވެގެން މަސައްކަތްތަކާ ދުރުވާން ޖެހުނު އިރު، ހުނަރުވެރި ބަތަލާގެ ތިން ފިލްމެއްގެ މަސައްކަތް އެބަ ހިނގަ އެވެ. އެއީ ސަލްމާން ޚާނާ އެކީ ކުޅޭ "ސިކަންދަރު" އާއި އަޔޫޝްމަން ކްރާނާއާ އެކު ކުޅޭ "ތާމާ" ގެ އިތުރުން ދެކުނުގެ ތަރިން ކަމަށްވާ ނާގްރުޖްނާ އާއި ދަނޫޝްއާ އެކީ ކުޅޭ ތަމަޅަ/ތެލެގޫ ފިލްމު "ކުބެރާ" އެވެ.
މި ތިން ފިލްމަކީ ވެސް މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކެވެ. މީގެ ތެރެއިން ބެލުންތެރިންނާ ހަމައަށް އަންނާނެ ފުރަތަމަ ފިލްމަކީ ފިތުރު އީދަށް ތާވަލުކޮށްފައިވާ "ސިކަންދަރު" އެވެ.
ރަޝްމިކާ، 28، ވަނީ ފައިގެ އަނިޔާއާ ހެދި ތިން ފިލްމުގެ މަސައްކަތް މެދުކަނޑާލަން ޖެހުމުން ޑައިރެކްޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައިވެ އެވެ.
"ސިކަންދަރު" އާއި "ތާމާ" އަދި "ކުބެރާ" ގެ އިތުރުން މި އަހަރު ވިކީ ކޯޝަލްގެ "ޗާވާ" އާއި ތެލެގޫ ފިލްމު "ދަަ ގާލްފްރެންޑް" އިން އިން ވެސް ރަޝްމިކާ ފެންނާނެ އެވެ. އެ ދެ ފިލްމުގެ މަސައްކަތްކޮށް އޮތީ ނިންމައިފަ އެވެ.