Last Updated: May 10, 17:23
Saturday, May 10, 2025
ޚަބަރު

މިދޔަ އަހަރު މުދަލު ޒަކާތަށް 101.9 މިލިއަން

މިދިޔަ އަހަރު ބޭއްވި ޒަކާތު ކޮންފަރެންސްގެ ތެރެއިން.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 101.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ އޭގެ ކުރީ އަހަރު މުލަދު ޒަކާތަށް ލިބުނު އަދަދަށް ވުރެ 12.9 ޕަސެންޓްގެ އިތުރުވުމެވެ. ދެހާސް ތޭވީހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 90.2 މިލިއަން ރުފިޔާ އެވެ. އެހެންވެ މިދިޔަ އަހަރު ލިބުނު އަދަދަކީ 11.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތަށް އެންމެ ބޮޑު އަދަދެއް ލިބުނީ ޖުލައި މަހުގަ އެވެ. އެއީ 15.5 މިލިއަން ރުފިޔާ އެވެ.

މަހުން މަހަށް މިދިޔަ އަހަރު މުދަލު ޒަކާތް ލިބުނު މިންވަރު:

* ޖެނުއަރީ: 3.4 މިލިއަން ރުފިޔާ
* ފެބްރުއަރީ: 5.8 މިލިއަން ރުފިޔާ
* މާޗް: 14.1 މިލިއަން ރުފިޔާ
* އެޕްރީލް: 13.7 މިލިއަން ރުފިޔާ
* މެއި: 9.1 މިލިއަން ރުފިޔާ
* ޖޫން: 4.3 މިލިއަން ރުފިޔާ
* ޖުލައި: 15.5 މިލިއަން ރުފިޔާ
* އޮގަސްޓް: 7.4 މިލިއަން ރުފިޔާ
* ސެޕްޓެމްބަރު: 8.7 މިލިއަން ރުފިޔާ
* އޮކްޓޯބަރު: 5.6 މިލިއަން ރުފިޔާ
* ނޮވެމްބަރު: 3.9 މިލިއަން ރުފިޔާ
* ޑިސެމްބަރު: 9.7 މިިލިއަން ރުފިޔާ

މުދަލު ޒަކާތަށް މިދިޔަ އަހަރު 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ލިބުނު އިރު، މިއީ އެ ވަރުގެ އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޒަކާތުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފައިވާ ގޮތުގައި މުދަލު ޒަކާތް ދައްކާ މީހުން އަދިވެސް މަދެވެ. އެހެންވެ މިކަމާ ގުޅޭ ދިރާސާއެއް ހަދަން ވަނީ ނިންމައިފަ އެވެ.

ޒަކާތުގެ ހައުސްގެ ޑިރެކްޓަ ޖެނެރަލް އިއްޒައްދީން އަދުނާން ވިދާޅުވެފައިވާ ގޮތުގައި މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ދަށް ސަބަބަކަށް އެކަމުގެ ހޭލުންތެރިކަން ކުޑަވުން ހިމެނޭ ކަަމަށެވެ.

މުދަލު ޒަކާތުގެ މިހާރުގެ ނިސާބަކީ 9،240.35ރ. އެވެ.