ސިމްޑީ ގްރޫޕުން ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލްގެ ހިދްމަތް ފުޅާ ކުރުމުގެ ގޮތުން ދިވެހި މުވައްޒަފުން ހޯދުމަށް މާދަމާ އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.
ސިމްޑީ ގްރޫޕްގެ ހިއުމަން ރިސޯސް މެނޭޖަރ އަހްމަދު އިރާޝް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މާދަމާ މެންދުރު 2 އިން ފެށިގެން ރޭގަނޑު 9 ޖަހަންދެން ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދާ އޯޕަންޑޭގެ ހަރަކާތުގައި ތަފާތު ހަތަރު ދާއިރާއަކަށް މުވައްޒަފުން ރެކްރޫޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިވެހި ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝިއަނުން، ފާމަސިސްޓުން އަދި ހޮސްޕިޓަލްގެ ރިސެޕްޝަނަށް މުވައްޒަފުން ރެކްރޫޓް ކުރާނެ ކަމަށެވެ.
އިރާޝް ވިދާޅުވީ އައިއެމްޑީސީ ހޮސްޕިޓަލްގެ ޖާގަ ބޮޑުކޮށް ހިދްމަތް ފުޅާ ކުރުމަށް ކުންފުނިން ނިންމައި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އެގޮތުން މި އޮޕަންޑޭ އަކީ ހޮސްޕިޓަލް ފުޅާ ކުރުމުން އިތުރަށް ބޭނުންވާ މުވައްޒަފުން މިހާރުން ފެށިގެން ޓްރެއިން ކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ އައިއެމްޑީސީއަށް ވަރަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައި. އެކަމަށް ގިނަ ދިވެހި މުވައްޒަފުން އެބަ ބޭނުންވޭ. އެހެންވެ އޯޕަންޑޭއެއް ބާއްވަން ނިންމީ"
އިރާޝް ވިދާޅުވީ އައްޑޫގައި ކިޔަވަިއގެން ތިބި ގިނަ ޒުވާނުން ފުރުސަތަކަށް އިންތިޒާރުކޮށްގެން ތިބި ކަމަށެވެ. އެހެންވެ އެފަރާތްތަކުން މާދަމާގެ އޯޕަންޑޭއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކިޔަވައިގެން ތިބި ގިނަ ކުދިން އައްޑޫގައި އުޅޭ ކަން. ހާއްސަކޮށް ނަރުހުންގެ ދާއިރާގައި، މިއަތޮޅުގައި ގިނަ ކުދިން އެބަތިބި. އެފަދަ ދިވެހި ކުދިން ބޭނުންވަނީ"
މާދަމާގެ އޯޕަންޑޭއަށް ވީހާވެސް ގިނަ ފަރާތްތަކުން ޒިޔާރަތް ކުރުމަށް އެކުންފުނިން އެދެއެވެ.
ކުރީގެ ހެލްތު މިނިސްޓަރ ޑރ. ޝަކީލާގެ ބޮޑު ހިއްސާއެއް އޮންނަ އައިއެމްޑީސީން އައްޑޫގެ ސިއްހީ ހިދްމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ހިތަދޫ ހޮސްޕިޓަލުން ނެހެދޭ ޓެސްޓް ހަދައި ދިނުމާއި، ގައިނިކޮލޮޖިސްޓް ނެތި ދާ ދުވަސްތަކުގައި ހޮސްޕިޓަލަށް ގައިނީގެ ހިދްމަތް ވަނީ ފޯރުކޮށްދީފައެވެ.