އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާ އަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާ ބައްދަލު ކުރައްވައި، ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީގެ ޙައްޖު އެންޑް އުމްރާ އިން އަބަދުވެސް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ، ސަޢުދީ އެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، އެ ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސައުދީން ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއް ކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަމަށެވެ.
ޙައްޖު މިނިސްޓަރުގެ ވާހަކައިގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. މި ދަތުރުފުޅުގެ ތެރެއިން 1446 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސަޢުދީ ސަރުކާރާ ދެމެދު ސޮއި ވެސް ކުރާނެ އެވެ.