Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

އެމްޑީޕީ އަކީ ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ޕާޓީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލަށް ގުޅުނު ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށްޓަކާ އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އެ ޕާޓީއާ ގުޅުނު ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅުނު ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އެ ޕާޓީގެ ރައީސް ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.