Last Updated: May 19, 00:16
Saturday, May 18, 2024
ދީން

ސިޙުރަކީ ކޮބާ ؟

ޢަރަބިބަހުގައި ‘ސިޙްރު’ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙްރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުގެ ގޮތުގައި ބާޠިލުނެރެ އޮޅުވާލައިގެން ދެއްކުމެވެ.

ޤުރުއާނާއި ސުންނަތުން ސިޙުރުގެ ތަފްޞީލް ލިބެން އޮތް ގޮތަށް ބަލާއިރު، ސިޙްރަކީ ޙަޤީޤަތެއްކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާކަމަށް ޤުރުއާނުންނާއި، ސުންނަތުން ދަލީލުލިބެއެވެ. އަދި އެއީ ކުފުރެއްކަމުގެ ދަލީލުލިބެއެވެ.

ކީރިތި ޤުރުއާނުގެ ދަލީލް

ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

"އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހު ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙްރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ. "

މިއާޔަތުން ދަލީލުލިބޭގޮތުގައި، ސިޙްރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި، ހަށިގަނޑަށް އަސަރުކުރުވާކަމެއްކަން ހާމަވެއެވެ. އަދި ސިޙްރުޖެހޭ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒުނަފުޅައިލައިގެންކަން އެނގެއެވެ.

ސުންނަތުގައި އައިސްފާވާ ގޮތަށް ބަލާއިރު، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙްރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ.”[3 البخاري: 2766، 6857، ومسلم: 89.]

މިޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރައްވާފައިއެވަނީ ސިޙްރުން ދުރުހެލިވުމަށެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ ސިޙްރަކީ ހަލާކުކޮށްފަނިވި ބޮޑުވެގެންވާ ފާފައެއްކަމުގައެވެ. މިކަމުން ދޭހަކޮށްދެނީ ސިޙްރަކީ ޚުރާފާތެއް ނޫންކަމެވެ. ޙަޤީޤަތެއްކަމެވެ.

ކޮންމެއަކަސް ސިޙުރުވެރިން ސިޙުރުހަދާއުޅެނީ ޝައިޠާނާއާއި ވާގިވެރިވެގެންނެވެ. އެބައިމީހުންގެ ކުފުރު ޢަމަލުތަކާއި ޝިރުކުތައް ޝައިޠާނުން ރުއްސުމަށްޓަކައި ކުރެއެވެ. ﷲ ނޫން ފަރާތްތަކުގެ ނަންތަކުން ޤުރުބާންކުރުމާއި، އަޖިދައަށް ކޮރުލުންފަދަ ކަންކަމަކީ ޝައިޠާނާ ރުއްސާ އެސޮރުގެ ކިބައިން އެހީތެރިކަން ހޯދުމުގެ ގޮތުން ސިޙުރުވެރިން ކޮށްއުޅެ ކަންތަކެވެ. މިފަދަ ގޮތްގޮތަށް ކަންކަން ކުރުމަށްފަހު ޝައިޠާނުންގެ ވެރިންނާ ވާހަކަ ދައްކައި އެއްބަސްވުން ތަކަކަށް ފަހު އެސޮރުގެ އައުވާނުންތަކެއް ސިޙުރުވެރިންނާއިއެކު ބައިވެރިވެ މަސައްކަތް ކޮށްދެއެވެ. ދެން ސިޙުރުވެރިޔާ ގެއްލުން ދޭން ބޭނުންވާ މީހާއަށް ސިޙުރު ޖެއްސުމަށްޓަކައި އެއްޗެހި ވަޅުލުމާއި، ޝިރުކުގެ މެތުރުންތަކާއިއެކު ތަންތަނަށް ފެންއެޅުމާއި ކާންދިނުން ފަދަ ކަންކަން ކުރެއެވެ. ދެން އެސިޙުރުވެރިޔާއާއި ބައިއަތު ހިފައިގެން ތިބޭ ޖިންނީން އެސިޙުރުވެރިޔާ އެހެދި ސިޙުރުގެ ވަޒީފާއަދާކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ. އަދި ސިޙުރުވެރިޔާގެ ކުފުރާއި ޝިރުކުގެ ޢަމަލު ބޮޑުކުރިވަރަކަށް، އަދި ޤުރުއާނަށް އިހާނެތިކޮށް ހިތިވަރަކަށް އެސިޙުރުގެ ބާރުގަދަވެ ސިޙުރުވެރިޔާއާއެކު މަސައްކަތްކުރާ ޖިންނީން އިތުރުވެގެން ދެއެވެ.