Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހައްޖާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިހާރު ސައުދީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެގޮތުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝަހީމެވެ. ސަޢުދީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާ އެވެ.

މި އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ވަނީ ބަޔާންކޮށްފައިިިވެ އެވެ. އެގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ރާއްޖޭން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭން ޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުންފަދަ މުހިންމު ކަންކަން ބަޔާންކޮށްފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ޙައްޖު މަހާ ދިމާކޮށް އެ މި އްބަސްވުމުގައި ދެ ގައުމުން ސޮއިކުރެ އެވެ. މީގެ ބޭނުމަކީ ރާއްޖޭން ޙައްޖަށް ދާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން ޝަހީމް ވަނީ ސަޢުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރާ ބައްދަލުކުރައްވައި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވައިފަ އެވެ.