ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.
މި މަހުގެ 16 ގެ ނިޔަލަށް އެސްޓޯނިއާ އަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.
މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި، އެ ޤައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި މަޝްވަރާތައް ކުރައްވާނީ، އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.