އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފި އެވެ.
ސޯލިހު އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް އޭނާ ވެއްދި މައްސަލައެއް ފެންމަތިވުމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީއަށް ވައްދަމުންދާ ކަމަށާއި އެންމެ ފަހުން މި އިވުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ މަޖިލިސް މެންބަރު ވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކަ ކަމަށެވެ.
"ސުވާލަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭ ބާވައެވެ. އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެއެވެ،" ސޯލިހު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްޓެ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް މިހާރު ވައްދާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.