ސަރުކާރު ހިންގާ، ޕީއެންސީ އަކީ ރައްޔިތުންނަށް ޖެހިފައިވާ މުސީބާތެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް އޭނާ ވެއްދި މައްސަލައާ ގުޅިގެން ޖަމީލު ވިދާޅުވީ ޕީއެންސީ އަކީ ނިދާފަ ހޭލާއިރު ކޮންމެ މީހަކުވެސް ޖަހައިގެން ގެންގޮސްފާނެ މިނިކާ ބާޒެއް ކަމަށާއި އެ ޕާޓީއަކީ ދިވެހި އެތަކެއް ރައްޔިތަކަށް ޖެހިފައިވާ މުޞީބާތަކަށް މިހާރުވެފައިވާ ކަމަށެވެ.
"މިއީ ސީދާ މުއިއްޒު އާއި އިޙްސާން އަދި ޕީއެންސީ ބޮޑުން ޒިންމާ ނަގަން ޖެހޭކަމެއް. މިއީ މަކަރާ ޙީލަތާ، ފޯޖަރީ އާއި، އަސާސީ ޙައްގުތަކަށް އަރައިގަތުން ހިމެނޭ ޖަރީމާތަކެއް،" ޖަމީލު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްޓެ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް މިހާރު ވައްދާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.