ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ. ގައުމެއްގެ ތަރައްގީ އަށް އަދި ރައްޔިތެއްގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަކީ ވާދަވެރި ސިޔާސީ ހަރަކާތް ކަމުން، 2008 ގެ ރިޔާސީ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރު، އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި، ރައްޔިތުންނަށް ހޯދާ ދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ޕާޓީއަކާއި އިދިކޮޅު ވާނެ މީހެއް ނޫން ކަމަށާއި އެގޮތުން އެމްޑީޕީ އަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށެވެ. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދޭނެ ކަމެއް ކަމަށާއި އަދި ފަހުން އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
"މީގެއިން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް މިވަގުތު އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސައްކަތުން އަހަރުތަކަކަށް ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިއުލާން ކުރައްވާފަ އެވެ.
ނަޝީދު މިހާރު ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.