Last Updated: July 16, 10:40
Thursday, July 16, 2026
މުނިފޫހިފިލުވުން

ޑިޝާ އަށް ހޮލީވުޑްގެ ފިލްމެއް

އިންޑިއާގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ މިހާރު ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ޓައިގާ ޝްރޮފްގެ ލޯބިވެރިޔާގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ މަޝްހޫރު "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރިއަށް އޮތް ފިލްމެވެ. ނަމަވެސް އިއްޔެ ބައެއް މީޑިއާތަކުން ބުނީ އެއީ ސައްހަ ވާހަކައެއް ނޫން ކަމަށާއި ޑިޝާ މަސައްކަތް ކުރަނީ މުޅިން އެހެން ޕްރޮޖެކްޓެއްގައި ކަމަށެވެ.

އަދި އެ ފިލްމުގައި "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ޓައިރީޒް ގިބްސަންގެ އިތުރުން އެކްޓަރު ހެރީ ގުޑްވިންސަން ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް މިއާ އިތުރު އެއްވެސް ތަފުސީލެއް އަދި ލިބިފައި ނުވާ އިރު، ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ބައެއް މީޑިއާތަކުން އިއްޔެ އާންމުކޮށްފައިވެ އެވެ.

ހޮލީވުޑްގެ ފިލްމަކުން ޑިޝާ އަށް ފުރުސަތު ލިބުނު އިރު، އޭނަ ކުރިން ވެސް ހޮލީވުޑަށް ނިސްބަތްވާ މަޝްހޫރު ތަރިއަކާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އެއީ ޗައިނާގެ އެކްޓަރު ޝެކީ ޗޭން އެވެ. އޭނަގެ 2017 ގެ "ކުންފް ފޫ ޔޯގާ" ގެ ރޯލެއް ޑިޝާ ކުޅުނެވެ.

އުމުރުން މިހާރު 32 އަހަރުގެ ޑިޝާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްްބަރުގައި ރިލީޒްކުރި ތަމަޅަ ފިލްމު "ކަންގޫވާ" އެވެ. އޭނަގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ "ވެލްކަމް ޓު ޖަންގަލް" އެވެ. ޑިޝާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އެމްއެސް ދޯނީ: ދި އަންޓޯލް ސްޓޯރީ"، "ބާގީ 2"، "ބާރަތު"، "މަލަންގް"، "އޭކް ވިލަން ރިޓާންސް" އަދި "ކަލްކީ: 2898 އޭޑީ" ހިމެނެ އެވެ.