ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލަ މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ފޯމު ބާތިލުކޮށްފައިވާ ކަމަށާއި މިކަމާ ގުޅިގެން ފިއްޓޭގެ މެންބާޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
"އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެ ބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށް ޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މި ކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.
އީސީން ވަނީ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ވެސް އަރުވާފަ އެވެ.
މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.