ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެސްޓޯނިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގަ އެވެ.
މި ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެ އެވެ. އެއަށް ފަހު ރައީސް މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި، ރައީސް މުއިއްޒު އެސްޓޯނިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ކަރިސްއަށް ތަޢާރަފުކޮށްދެއްވި އެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.